ސަރުކާރުން ދ. ކުޑަހުވަދޫގައި އެޅުމަށް ނިންމާފައިވާ 500 ހައުސިންގ ޔުނިޓުގެ ތެރެއިން، ގެދޮރު އެޅުމަށް ބޭނުންވާ އަމިއްލަ މީހުންގެ ގޯތީގައި ގެ އަޅައިދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިރޭ ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޑަހުވަދޫ އަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 7 ރަށުގެ ތެރެއިން އެއް ރަށެވެ. ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ ގޮތަށް ކަންކަން ފަހިވެފައިވާ ކަމަށެވެ.
"އެންމެ މުހިންމު އެއްކަމަކީ ގެދޮރުވެރިކަން. މިއީ ހަމައެކަނި މިރަށަކަށް ނޫން. ކޮންމެ ކަންކޮޅަކަށް ވެސް، އަމުދުން ބައިބޮޑު އާބާދީ ބޮޑު ސަރަޙައްދަށް އޮތް މައްސަލައެއް. އެހެންވެ އަޅުގަނޑު ކަނޑައެޅީ ސިޔާސަތެއްގެ ގޮތުގައި ގެދޮރުވެރިކަން ހައްލުކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަހުވަދޫގައި ހިއްކާފައިވާ ބިމުގައި ހުރިހާ ޔުޓިލިޓީ ޚިދުމަތްތަކާއެކު މަގުތައް ތަރައްޤީ ކުރާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް ހުއްޓާލާނީ ރަށުގެ ހުރިހާ މަގެއް ތަރައްޤީކޮށް ނިމުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގައި އަޅާނީ 3 ކޮޓަރީގެ ގެތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާބާދީ އާއި ތަރައްޤީ އެއްފަސްކުރާއިރު އިތުރު ބަޔަކު ހިޖުރަ ކުރާނަމަ އިތުރު ހައުސިންގ ޔުނިޓުތައް އެޅުމަށް ވެސް ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުޑަހުވަދޫ ރައްޔިތުންނަށް ސަރުކާރުން ގެދޮރު އެޅުމަށް ދޫކުރާ ލުއި ލޯނުގެ ބޭނުން ހިފުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. ކުޑަހުވަދޫގައި 3 މިލިއަން ރުފިޔާ އާއި ހަމައަށް މި ލޯނު ނެގޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









