ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރައްވާ މަސައްކަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން މި ފަހަރު މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކުރުމާއި ގުޅޭގޮތުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މަސް ދަޅު ކޭސް ހަދިޔާކުރުމަށްފަހު އެކަމަށް ހިނގި ޚަރަދު ކަރަންޓު ބިލުތަކުން ނެގުމަށް ސަރުކާރުން ރާވާފައިވާކަމަށް ބުނެ ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދޭ. އަޅުގަނޑު މި ވާހަކަ މީގެކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމަ އެގޮތަށް ކުރިއަށްގެންދާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށާއި، ރަމަޟާންމަހު ކަރަންޓާއި ފެނުގެ ޚިދުމަތުން ޑިސްކައުންޓް ދިނުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. އަދި މި ޑިސްކައުންޓްގެ ސަބަބުން ރައްޔިތުންނަށް ރަމަޟާންމަހު އިތުރު ޚަރަދުތަކަށް ތައްޔާރުވުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.