މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރުންނާއި ގުޅިގެން، 75 ވަނަ ބަރލިން އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް (ބާލިނޭލް) ގައި ހިތްގައިމު ކެމްޕޭނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
އެމްއެމްޕީއާރްސީން މިއަދު ބުނީ، މި ފެސްޓިވަލްގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަޤްޞަދަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އޮތް މަޤާމު ވަރުގަދަކުރުން ކަމަށެވެ.
ބާލިނޭލް އަކީ 1.6 މިލިއަނަށްވުރެ ގިނަ ބައިވެރިންގެ ސަމާލުކަން ހޯދައިދިން ޝަރަފުވެރި ހަރަކާތެކެވެ. މި ހަރަކާތުގައި ފިލްމު ހަދާ ފަރާތްތަކާއި، މަޝްހޫރު ފަންނާނުންނާއި، ސިނާއަތުގެ ޕްރޮފެޝަނަލުންނާއި، ސިނަމާއަށް ލޯބިކުރާ މީހުން ބައިވެރިވެފައިވެއެވެ.
އެމްއެމްޕީއާރްސީން ބުނީ، މުޅި ފެސްޓިވަލް ތެރޭގައި، ބޮޑު ދެ ޑިޖިޓަލް ބިލްބޯޑެއްގައި ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނޭ 30 ސިކުންތުގެ ވީޑިއޯ އިޝްތިހާރުތަކެއް މި ކެމްޕޭނުގައި ދައްކުވައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެސްއޯ މޯލްޑިވްސް، ރިސޯޓް ލައިފް ޓްރެވަލް، ކެނަރީފް ރިޒޯޓް މޯލްޑިވްސް، އެރީނާ ހޮޓެލްސް، ބްރެނިއާ ކޮއްތޭފަރު، އަދި ސަމަރ އައިލެންޑް މޯލްޑިވްސް ފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަޝްހޫރު ފަރާތްތަކާ ގުޅިގެން ހިންގި މި ސްޓްރެޓެޖިކް ކެމްޕޭނުގައި ރާއްޖޭގެ ތަފާތު ލީޒަރ އަދި ލަގްޒަރީ ހުށަހެޅުންތަކަށް އަލިއަޅުވާލާފައިވާ ކަމަށް އެމްއެމްޕީއާރްސީން ފާހަގަކުރިއެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ރީތިކަން ދުނިޔޭގެ ފަތުރުވެރިންނަށް ދައްކާލެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ކެމްޕޭނުން ފަތުރުވެރިންނަށް ޖަޒީރާ ރަށްތަކުގެ ރީތިކަން ތަޖުރިބާ ކުރުމަށް ބާރުއެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝިއުރީ ވިދާޅުވިއެވެ.
75 ވަނަ ބާލިނޭލް އަކީ އާޓިސްޓިކް ޑައިރެކްޓަރު ޓްރިޝިއާ ޓަޓަލް ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ހަރަކާތްވެސް މެއެވެ. މި ފެސްޓިވަލް ފެށިގެންދިޔައީ ޓޮމް ޓައިކުވަރގެ "ދަ ލައިޓް" ޕްރިމިއާއިންނެވެ. މި ހަރަކާތުގެ ތެރެއިން މަޝްހޫރު ތަރިންތަކުގެ ލައިނަޕްތަކެއް ފެނިގެންދިޔައެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ ޓިމޮތީ ޝަލަމޭ، ރޮބާޓް ޕެޓިންސަން، އަދި ޖެސިކާ ޗެސްޓޭން ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
އެމްއެމްޕީއާރްސީން އިތުރަށް ބުނީ، މިފަދަ މަތީ ފެންވަރުގެ ބައިނަލްއަގްވާމީ އިވެންޓެއްގައި ރާއްޖެ ދައްކާލާ، އެ ކުންފުނިން ތަފާތު ބެލުންތެރިންނާ ހަމައަށް ވާސިލްވެ، ރާއްޖޭގެ ލަގްޒަރީ ބްރޭންޑް ވަރުގަދަކޮށްފައިވާ ކަމަށެވެ.
މީގެއިރުރުން، މި ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެމްއެމްޕީއާރްސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ހަރަކާތްތައް ރާވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.









