ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، ގއ.ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެންބަރުކަމަށް ޔަޒްމީދު ޢައްޔަންކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ރައީސްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ޔަޒްމީދަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގެ ކުރިން، ރައީސް ވަނީ ޖޭއެސްސީއަށް ރައީސް ޢައްޔަންކުރައްވާ މެންބަރުކަމުން ރ. އިނގުރައިދޫ، ހިތްވަރު، މުޙައްމަދު ސަމީރު ވަކިކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ޔަޒްމީދާ ހަވާލުކުރައްވާފައެވެ.








