ރޯދަ މަހާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ސަރުކާރުން ބަހާ މަސްދަޅު ކޭސްތަކުގައި ހުރީ 180 ގްރާމުގެ މަސްދަޅުތަކެއްކަން ހާމަވެއްޖެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން މަސްދަޅު ކޭސްތައް ބަހަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރުން ބަހަން ތައްޔާރުވާ ކޭސްތަކުގައި ހުންނާނީ 40 ގްރާމަށް ވުރެ މަދުން 140 ގްރާމުގެ މަސްދަޅު ކަމަށެވެ. ސޯޝަލް މީޑީއާގައި އިދިކޮޅު ފަރާތްތަކުން ހިންގާ ނޫސްތަކުގަޔާއި އަދި އެހެން ޕްލެޓްފޯމްތަކުގައި މިފަދަ ވާހަކަތައް ފެންމަތި ކުރަމުން ދިޔަ ދަޑިވަޅުގައި ސަރުކާރުގެ އެކްޓިވިސްޓުން ބުނަމުން ދިޔައީ އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު ޚަބަރުތަކެއް ކަމަށާއި މަސްދަޅު ކޭސްތައް ބަހަން ފެށުމުން އެކަން ހާމަވާނެ ކަމަށެވެ.
ތެދެކެވެ. ސަރުކާރުން ބަހާ މަސްދަޅުތަކުގެ ލޭބަލް ތަފާތެވެ. އެއީ ސަރުކާރުން ހަދިޔާ ކުރާ އެއްޗެއް ވީމަ ތަފާތު ކޮށްލީއެވެ. ނަމަވެސް މަސްދަޅުތަކުގެ ބަރުދަނަކަށް، މަހުގެ ރަހަޔަކަށް އަދި މަހުގެ ކުލަޔަކަށް ތަފާތެއް ނާދެއެވެ. މަސްދަޅުގައި ހުރީ މިހާރުވެސް ބާޒާރުގައި މިފްކޯއިން ވިއްކާ މަސްދަޅުތަކުގައި ހުންނަ 180 ގްރާމެވެ.
މިފަދަ ޚަބަރުތައް ފަތުރާ ނޫސްތަކާއި ފަރުދުން މިއަށްވުރެ ޒިންމާދާރު ވާންޖެހެއެވެ. އާންމުން މެދުގައި މިފަދަ ދޮގު ޚަބަރު ފެތުރުމުގެ ބަދަލުގައި މުޅި ދިވެހި އާއިލާއަށް ސަރުކާރުތަކުން ހެޔޮ ނިޔަތުގައި ފޯރުކޮށްދޭ ހަދިޔާތައް ކޮންމެ ވެރިއެއް އަދި ކޮންމެ ވެރިކަމެއް އޮތަސް ހެޔޮހިތުން ބަލައިގަންނާށެވެ.









