އީޖިއަން ކަނޑުގައި އޮންނަ ކުޑަ ޖަޒީރާއެއް ކަމަށްވާ ނިއާ ކަމެނީގެ ކައިރީގައިވާ އަލިފާން ފަރުބަދަ ގޮވައިފާނެ ކަމަށާއި ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޢަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށް ޔޫނާނުގެ މާހިރަކު އިންޒާރު ދީފިއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ބިރުވެރިކަމެއް ނުވަތަ ޒަލްޒަލާއެއް އައިސްފައެއް ނުވެއެވެ.
އެތެންސް ޔުނިވަރސިޓީގެ ބިންހެލުންތައް ނުވަތަ ޒަލްޒަލާ ދިރާސާކުރުމުގެ ޕްރޮފެސަރ ޕަނަގިއޯޓިސް ޕަޕަދިމިޓްރިއޫ އާއި ޙަވާާދީ ގްރީސްގެ ޚަބަރުތައް ބުނާ ގޮތުގައި، ސައިންޓިސްޓުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަންތޮރީނީ ސަރަހައްދުގައި ރިކްޓަރ މިންގަނޑުން 6 އިން 6.3 ގެ ބާރުގަދަ ބިންހެލުމެއް އަންނާނެއެވެ. ނަމަވެސް އެ ބިންހެލުން އަންނާނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި 20 ކިލޯމީޓަރަށް ވުރެ ދުރުމިނުގައި ކަމަށާއި، ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
ގްރީސް ސަރުކާރުން ވަނީ ފެބްރުއަރީ 6 ގައި، ޒަލްޒަލާގެ ހަރަކާތްތައް އިތުރުވުމާއި ގުޅިގެން، ސަންތޮރީނީގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. މި ކުއްލި ހާލަތު މާރޗް 3 އާ ހަމައަށް ދެމިގެންދާނެއެވެ.
ސަންތޮރީނީއަކީ ވަރަށް މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެކެވެ. އަހަރަކު 3.4 މިލިއަން ފަތުރުވެރިން މި ރަށަށް ޒިޔާރަތްކުރެއެވެ. ސަންތޮރީނީއާއި ނިއާ ކަމެނީ އޮންނަ އީޖިއަން ކަނޑަކީ ގްރީސް އާއި ތުރްކިޔޭ އާއި ދެމެދުގައި އޮންނަ ކަނޑެކެވެ.









