އިއްޔެ އިސްރާއީލުގެ ވެރިރަށް ޓެލް އަވީވްގެ ދެކުނުގެ ސަރަހައްދުގައި އެއްފަހަރާ ތިން ބަހެއްގައި ގޮއްވާލައި މުޅި ޓެލްއަވީވް ހާސްކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ.
އިސްރާއީލުގެ މީޑިއާތަކަށް އެ ސްޓޭޓުގެ ސިޔާސީ އެނަލިސްޓުން އަރައި މުޅިން ވެސް ކިޔަނީ އެއީ ފަލަސްތީނުގެ މުސްލިމުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.
ނަމަވެސް، މިކަމުގެ ވަށައިގެންވާ ކަންތަކަށް ބެލުމުން ބުއްދިއަށް އަންނަނީ މިއީ ސީދާ އިސްރާއީލުން ހުޅަނގު އައްސޭރިއަށް އަރައިގަތުމަށް ރާވައިގެން ކުޅެފައިވާ ގޭމެއް ކަމަށެވެ.
ސަބަބަކީ އިސްރާއީލުން ބޭނުންވަނީ މުޅި ފަލަސްތީން އެ ބިމުން ބޭރުކޮށްލުމަށެވެ. އެކަމުގެ ތެރެއިން ޣައްޒާ ފުނޑާލުމަށްފަހު ދެން މަސައްކަތް ކުރަނީ ހުޅަނގު އައްސޭރި ނުވަތަ ވެސްޓް ބޭންކަށް އަތްގަދަ ކުރުމަށެވެ.
އެހެންކަމުން ހަނގުރާމަ ހުއްޓާލާފައިވާ މިދަނޑިވަޅުގައި ކޮންމެވެސް ބަހަނާއެއް ދައްކައިގެން ހުޅަނގު އައްސޭރިއަށް އެރިދާނެއެވެ، ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޚިލާފު ނުވާ ކަމަށް ދައްކައި، ސަލާމަތީ ސަބަބުތަކަށް ކަމަށް ބުނެ މިއީ އިސްރާއީލަށް ދެއްކޭނެ ޙުއްޖަތެކެވެ.

އިއްޔެ ގޮއްވާލާފައި ވަނީ ހުސް ތިން ބަހެއްގައެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންކަމުން، މި ހާދިސާގެ އަޑީގައި އިސްރާއީލުގެ ސަރުކާރު އޮތްކަމަށް ތުހުމަތު ކުރެވެއެވެ.
މި ތުހުމަތުތަކުގެ އަޑީގައި ހުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ތުލްކަރަމުން ބަދަލު ހިފާނަމަ ހުސް ބަސްތަކާއި މީހުން ނޫޅޭ ތަންތަނަށް ހަމަލާ ނުދޭނެއެވެ. އަދި އިސްރާއީލުން މިހާތަނަށް ޣައްޒާގައި 60,000 އަށްވުރެ ގިނަ މުސްލިމުން މަރާލާފައިވާއިރު، މުސްލިމުން އެޓޭކު ކުރާނަމަ ދޭނީ އިސްރާއީލު މީހުން ވެސް މަރުވާ ކަހަލަ ހަމަލާއެއް ކަމަށް ބެލެވެއެވެ.
އެހެންކަމުން، މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އަމާޒު ކަމަށްވާ ވެސްޓް ބޭންކު ރެއިޑުކުރުމަށް ކުޅެލާފައިވާ ގޭމެކާއި ވައްތަރެވެ.
މި ގޮވުންތަކުގެ އިތުރުން، އިތުރު ދެ ސަރަޙައްދެއްގައި މީހުންވެސް ނޫޅޭ ތަންތަނުގައި ބާއްވާފައިވާ ދެ ބޮން ފެނިފައި ވެއެވެ. އެއިން ބޮމެއްގައި ޢިބްރީ އަދި ޢަރަބި ބަހުން "ޓުލްކަރެމްއިން ބަދަލު ހިފުން" މިހެން ލިޔެފައި އޮތްކަމަށް އިސްރާއީލު ފަރާތްތަކުން ބުނެފައިވީނަމަވެސް، މިއީ އިސްރާއީލުން އަމިއްލައަށް ލިޔެފައިވާ އެއްޗެއް ކަމަށް ވެސް ބެލެވެއެވެ.

މި ހާދިސާއާއި ގުޅިގެން އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، އިތުރު ހާދިސާތައް ހުއްޓުވުމަށް އިސްރާއީލުގެ މަކަރުވެރި ސަލާމަތީ ބާރުތަކުން ދަނީ ޓެލްއަވީވްގެ ސަރަހައްދުތައް ބަލައި ފާސްކުރަމުންނެވެ. އަދި އާންމު ރައްޔިތުންނަށް އިސްރާއީލުގެ މަކަރުވެރި ސަރުކާރުން ވަނީ “ޝައްކުވާ ކަންކަން” ފާހަގަކުރުމަށް އިލްތިމާސްކޮށްފައެވެ.
އެހެންކަމުން އެތަނުގައި މިހާރު ހިނގަމުންދާ ކަންތަކަށް ބަލައި އަދި މީގެކުރިން ހިނގާފައިވާ ކަންތަކަށް ނަޒަރު ހިންގާލުމުން މިހާރު މިއުޅެނީ ސީދާ އިތުރު ރެއިޑުތަކެއް ޖެހުމަށް ހުޅަނގު އައްސޭރިއަށް އަރަން ކުޅެފައިވާ ގޭމަކާއި ވައްތަރެވެ.
ފަލަސްތީނު މުސްލިމުންނަކީ ދުވަހަކު ވެސް ސިއްރިޔާތިގައި ބިރުން ތިބެ އިސްރާއީލަށް ހަމަލާދިން ބައެއް ނޫނެވެ. އަދި ފިނޑި އިންޒާރު ދިން ބައެއް ވެސް ނޫނެވެ. ފަލަސްތީނު ރައްޔިތުންނަކީ އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިންނާއި ބޮޑެތި ޓޭންކަރާއި ބުލްޑޯޒަރުތަކުގެ ކުރިމަތީގައި ވެސް ނުސިހޭ ބައެކެވެ. ވީއިރު، ޣައްޒާގެ 60،000 އަށްވުރެ ގިނަ މުސްލިމުން މަރާލާފައިވާ އިސްރާއީލުގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ފަލަސްޠީނު މީހުނަ ޓެލްއަވީވަށް އަރައި އެއްވެސް މީހަކު ނެތް 3 ބަހެއްގައި ބޮން ގޮއްވާލުމަކީ ބުއްދިއަށް ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ.









