ފަލަސްޠީނުގެ ދަނޑުވެރިންނަށް އިޤްތިޞާދީ ގޮތުން އެންމެ މުހިންމު ޒައިތޫނި ބިނދުމުގެ މޫސުން މި މަހު ފެށުމާއެކު، ހަތިޔާރުއެޅި އިސްރާއީލް ވަޒަންވެރިން ދަނީ ދަނޑުވެރިންނަށް އަމާޒުކޮށް ރޭވުންތެރި ހަމަލާތަކެއް ދެމުންނެވެ. ފާއިތުވި 7 ދުވަހުގެ ތެރޭގައި އެކަނިވެސް ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި މަދުވެގެން 19 އަށްވުރެ ގިނަ ހަމަލާ ވަޒަންވެރިން ވަނީ ދީފައެވެ. މި ހަމަލާތަކުގައި ދަނޑުވެރިންނަށް އަނިޔާކޮށް، އެމީހުން ބިންތަކުން ބޭރުކުރަން ވަނީ މަސައްކަތްކޮށްފައެވެ.

ފަލަސްޠީނުގެ ޒައިތޫނި ދަނޑުގައި ހުރި ގަސްތައް ބުރިކޮށްލާފައި / ފޮޓޯ: އޭޕީ
އިއްޔެއައި ރޭ ވެސް ނާބުލުސްގެ ތަލްފީތު އަދި ޖަލޫދު އަވަށުގައި، އިސްރާއީލް އަސްކަރީ ޔުނިފޯމް ލައިގެން ތިބި ވަޒަންވެރިންތަކެއް ވަނީ ފަލަސްޠީނުގެ އާއިލާތަކެއްގެ ގެތަކަށް ވަދެ، އާއިލާގެ މީހުންނަށް ވަރަށް އަނިޔާކޮށްފައެވެ. ހަމައެއާއެކު، ގުސްރާ އަދި އެހެނިހެން އަވަށުގެ ޒައިތޫނި ދަނޑުތަކުގައި ހުޅުޖަހައި، 50 އަށްވުރެ ގިނަ ގަސް ވަނީ މުލުން ލުހެލާފައި ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ. ބައެއް ސަރަހައްދުތަކުގައި ދަނޑުވެރިން ބިނދެފައި ހުރި ޒައިތޫނިތަކާއި ދަނޑުވެރިކަމުގެ ސާމާނުތައްވެސް ވަޒަންވެރިން ވަނީ ފޭރިގަނެފައެވެ.
ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ ވަޒަންވެރިންގެ މި އަމަލުތަކަކީ އެމީހުންގެ ދިރިއުޅުމުގެ ވަޞީލަތްތައް ނައްތާލުމަށް ހިންގާ "ހަނގުރާމައިގެ ޖަރީމާތަކެއް" ކަމަށް ސިފަކޮށްފައެވެ.
އިސްރާއީލް ސިފައިން ދަނީ މި ހަމަލާތައް ހުއްޓުވުމުގެ ބަދަލުގައި، ވަޒަންވެރިންނަށް އަސްކަރީ ހިމާޔަތްދީ، ފަލަސްޠީނުގެ ދަނޑުވެރިންނާ ދެކޮޅަށް ކަރުނަގޭސް ބޭނުންކޮށް ދަނޑުތަކަށް ވަނުން މަނާކުރަމުންނެވެ.




