އެމެރިކާ އާއި ބައިނަލްއަގުވާމީ މެދުވެރިންގެ އެހީތެރިކަމާއެކު މިދިޔަ ޖޫން މަހު ސޮއިކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް، އިސްރާއީލް އަސްކަރިއްޔާއިން ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށް މިރޭ ވެސް ހަމަލާ ދީފިއެވެ. އިސްރާއީލުގެ ފައުޖުތަކުން ވަނީ ދެކުނު ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ ބައިތު ޔާހޫން އަވަށަށް އަމާޒުކޮށް ވަރުގަދަ ބޮޑުބަޑީގެ ހަމަލާތަކެއް ދީފައެވެ.
ލުބުނާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލުން ދިން މި ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ދަނޑުބިންތަކަށެވެ. ބައިތު ޔާހޫންގެ އިތުރުން ކައިރީގައި އޮންނަ ޝަޤްރާ އަވަށަށް ވެސް ބޮން އަޅާފައި ވާއިރު، މި ހަމަލާތަކުގެ ސަބަބުން ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލުން ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އިޙްތިރާމް ނުކުރާ ކަމަށް ބުނެފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އިސްރާއީލުން މިފަދަ ހަމަލާތައް ދެމުންދިއުމަކީ ދެކުނު ލުބުނާނުގައި އަލުން ބޮޑު ހަނގުރާމައެއް ފެށުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ބުނެ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުން ވެސް ދަނީ މަސްރަޙު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންނެވެ.



