ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގެއަކަށް ދޭ މަސްދަޅު ކޭސް ހޯދުމަށް ގިނަ ބަޔަކު މާލެ ސަރަޙައްދުގެ ކިއޫތަކަށް މިރޭ އަރައިފިއެވެ.
އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބަހަން ފެށުމަށް ފުރަތަމަ ހަމަޖެއްސީ މިއަދު މެންދުރުފަހު 2:30 ގައި ނަމަވެސް، ފަހުން އެ ވަގުތު މިރޭ 8:30 އަށް ބަދަލުކުރިއެވެ. މި ބަދަލާއި ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން މަސްދަޅު ބަހާ ސަރަޙައްދުތަކުގައި ވަނީ ކިއު ހަދާފައެވެ.
އެންމެ ބޮޑު ކިއޫތައް ފެނިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ ކައިރިންނާއި މާލޭގައި ހުންނަ މިފްކޯ މަސް ފިހާރަ ކައިރިންނެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގެ އެހެން ތަންތަނުގައި ވެސް ގިނަ ބަޔަކު ދަނީ ކިއޫގައި ޖެހެމުންނެވެ.
އެސްޓީއޯއިން ބުނީ ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. މަސްދަޅު ކޭސް ބަލައިދާ މީހުން އައިޑީ ކާޑާއި ކަރަންޓު ބިލު ގެންދަން ޖެހޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
މަސްދަޅު ކޭސްތައް ބެހުމަށް ހަމަޖެހިފައިވާ ތަންތަނަކީ:
- މިފްކޯގެ އޮފީސް ހުންނަ ސަރަހައްދު،
- އެމްޓީސީސީ ސޯމިލް،
- ވިލިމާލެ ވެމްކޯ ސައިޓް،
- ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ އަދި
- ހުޅުމާލޭ ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު ހިމެނެއެވެ. މިރޭ މަސްދަޅު ކޭސްތައް ބަހާނީ 23:00 ޖަހަންދެނެވެ.
އެސްޓިއޯއިން ބުނީ މާދަމާއަކީ ހުކުރު ދުވަހަށްވާތީ މާދަމާ މަސްދަޅު ކޭސް ނުބަހާނެ ކަމަށެވެ. ދެން މަސްދަޅު ކޭސްތައް ބަހަން ފަށާނީ ހޮނިހިރު ދުވަހުއެވެ.
މާލޭގައި މަސްދަޅު ކޭސް ބެހުން. / ފޮޓޯ: ޚުލާސާ
މި އަހަރުގެ ރޯދަ މަހު ކޮންމެ ގެއަކަށް ވެސް ހަދިޔާއެއްގެ ގޮތުގައި މަސް ކޭހެއް ދޭނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި ވައުދު ފުއްދެވުމުގެ ގޮތުން މިހާރު ވަނީ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށައިފައެވެ.
މަސްދަޅު ކޭސްތައް ބެހުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ؛
- ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް.
- އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރު ފަހު 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް.
މަސްދަޅު ކޭސް ހޯދުމަށް ގިނަ ބަޔަކު މިރޭ ކިއޫތަކަށް އަރާފައިވާތީ، ކިއޫ ނިމެންދެން މަސްދަޅު ކޭސް ދޫކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.









