ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމަށް ހަމާސްއިން ހުށަހަޅައިފިއެވެ. މިގޮތަށް ހުށަހަޅާފައިވަނީ އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމަ ނިންމާލުމާުމާއި އިސްރާއީލުގެ ސިފައިން ޣައްޒާއިން އެކީއެކަށް ފޭބުމުގެ ޝަރުތުގެ މަތިން ކަމަށް އަލްޖަޒީރާއިން ބުންޏެވެ.
ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މިއީ ހުއްޓުމެއް ނެތި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، އިސްރާއީލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމަށް ކުރާ ޝަރުތެއް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ހަމާސްއިން ވަނީ އިސްރާއީލުން ހުށަހަޅާފައިވާ ޝަރުޠު ޤަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.
އިސްރާއީލުން ކުރާ ޝަރުޠަކީ ހަމާސްއިން ޣައްޒާއިން ފޭބުމާއި ހަމާސްއިން ހަތިޔާރުތައް މުޅީން ދޫކޮށްލުމެވެ.
ހަމާސްއިން ވަނީ މިއަންނަ ހޮނިހިރު ދުވަހު ދޫކޮށްލާނެ ކަމަށް ބުނެފައިވާ ރަހީނުންގެ އަދަދު ވެސް ޢާންމު ކޮށްފައެވެ. ހަމާސްއިން ކުރިން ބުނީ ދޫކޮށްލާނީ 3 މީހުންނެވެ. ނަމަވެސް މިހާރު އެ ޢަދަދު ވަނީ ހަތަރެއް ނުވަތަ ހަޔެއް ކަމަށް ބެލެވެއެވެ. މިއީ ހުދުނާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ތަންފީޛު އަވަސްކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
އިސްރާއީލުގެ ހަނގުރާމައިގައި މިހާތަނަށް 60 ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލިއެވެ. 111,722 މީހުން ޒަހަމް ކޮށްލިއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު މަދުވެގެން 61,709 އަށް އަރާ ކަމަށެވެ.









