
ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ މަސައްކަތް ނިމިގެންދާއިރު، މި ބަދަލުތަކަކީ މުޅި ކުޅިވަރަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިސްލާހުތަކެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.
މި އިސްލާހުތަކުގެ ތެރޭގައި 72 އިސްލާހެއް ހިމެނޭއިރު، އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ މި ބަދަލުތަކުން އެސޯސިއޭޝަންތައް ބައްޓަންކުރެވޭނެ ގޮތް އެނގި، R13 ގެ ކަންކަން ފުރިހަމަވެގެންދާނެ ކަމަށެވެ.
އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެފައިވަނީ މި އިސްލާހުތަކުން ލާމަރުކަޒީ އުސޫލުން ކުޅިވަރުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއީ ކުޅިވަރަށް ރަނގަޅު "ފާލެއް" ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
"މި ޗޭންޖާ އެއްކޮށް ލާ މަރުކަޒީ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރީޖަނަލް ސްޕޯޓްސް އެސޯސިއޭޝަންތައް ވެސް އުފެދިގެން މި އަންނަނީ," ތަމޫ ވިދާޅުވިއެވެ.
މި އިސްލާހުތަކާއި ގުޅޭގޮތުން މަޖިލީހުން ތަފާތު ހިޔާލު ހޯދުމަށް ފުރުސަތު ދެމުންދާތީ އެމްއޯސީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިއަދު ހެނދުނު 11:00 ގައި މަޖިލީހުގައި ބޭއްވޭ ފޯރަމްގައި އޮލިމްޕިކް ކޮމިޓީ އާއި ހުރިހާ އެސޯސިއޭޝަންތަކުން ބައިވެރިވެ، އެ ފަރާތްތަކުގެ ހުށަހެޅުންތައް ހިއްސާކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.









