ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަޙައްދުގައި މިރޭ ބަހަން ފަށަން ތައްޔާރުވެއްޖެއެވެ.
މީގެ ކުރިން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ނަމަވެސް އެ މަސައްކަތް މިހާރު ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އަދި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތަކަށް ވެސް ވަނީ ބަދަލުގެނެސްފައެވެ.
މާލޭގައި މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވަނީ މިރޭ 20:30 އިން ފެށިގެން 23:00 އާ ހަމައަށެވެ.
މާދަމާއަކީ ހުކުރު ދުވަސް ކަމުން މާދަމާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ.
22 ފެބްރުވަރީ އިން 28 ފެބްރުވަރީގެ ނިޔަލަށް މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ މެންދުރު 14:00 އިން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އާ ހަމައަށެވެ.
މަސްދަޅު ކޭހާއި ހަވާލުވާންދާއިރު އައިޑީކާޑާއެކު ކަރަންޓު ބިލު ގެންދަން ޖެހޭނެއެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ:
- މިފްކޯ އޮފީސް ކޮމްޕައުންޓް
- ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލެ، ވެމްކޯ ސައިޓް
- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގ
- ހިޔާ ޓަވަރު 10، ޔޫތު ސެންޓަރ
މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.
ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގެއަކަށް ހިލޭ މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން އެމަނިކުފާނު އިޢުލާނު ކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ކަރަންޓް ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. އަދި ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ވަނީ ދީފައެވެ.









