އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ ދަށުން، އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވަންސް ދޭންޖެހޭނެއެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާންމަހުގެ ޢިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 (ތިން ހާސް) ރުފިޔާ ދޭން ވާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، މި އިޞްލާޙުގައި އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި މި މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން ކައުންސިލްތަކާއި އެލްޖީއޭއިން ހަމަޖައްސައިދިނުމުގެ އުސޫލުތައްވެސް ހިމަނާފައިވެއެވެ.
އެގޮތުން، ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޚާއްޞަކުރަން ޖެހޭނެ ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މި ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަން ޖެހޭނެއެވެ.
ރައީސް ވިދާޅުވީ އަންހެނުންނަކީ ކޮންމެ ރަށެއްގެވެސް ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާތީ، އެކަމުގެ އަގުވަޒަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާއެކު ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.









