ސްރީ ލަންކާގެ ކޯޓަކަށް ވަކީލަކަށް ވެގެން ވަދެ، އަންޑަވޯލްޑް ގޭންގް ލީޑަރު "ގަނެމުއްލާ ސަންޖީވާ" ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
ސަންޖީވާ މިއަދު ކޯޓަށް ގެންގޮސްފައިވަނީ އޭނާއާ ގުޅޭ މައްސަލައެއްގައި ފުލުހުންގެ ހިމާޔަތުގައެވެ.
ލަންކާ ފުލުހުން ބުނީ މިއަދު ހެނދުނު ހަލްފްޓްސްޑޯޕް ކޯޓު ކޮމްޕްލެކްސްގައި ހިނގި މި ޙާދިސާގައި ސަންޖީވާ ގަޔަށް ބަޑި ޖަހާފައިވަނީ ޤާނޫނީ ވަކީލެއް ގޮތަށް ހެދުން އަޅައިގެން ކޯޓަށް ވަދެ ހުރި މީހެއް ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ބުދިކާ މަނަތުންގާ ވިދާޅުވީ ސަންޖީވާއަށް ޙަމަލާދިން މީހާ އެ ޙަމަލާ ދިނުމަށް ބޭނުންކުރި ރިވޮލްވަރެއް ކޯޓު ތެރެއިން ފުލުހުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް ބަޑީގެ ޙަމަލާއަށް ފަހު އެމީހާ އަމިއްލައަށް އެތަނުން ފިލާފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ އޮޕަރޭޝަނެއް މުޅި ސަރަޙައްދުގައި ހިންގަމުން އަންނަ ކަމަށް މަނަތުންގާ ވިދާޅުވިއެވެ.
ސަންޖީވާ އަށް ޙަމަލާ ލިބުމާ ގުޅިގެން ސީރިއަސް ޙާލުގައި ކޮލަމްބޯ ނެޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް އޭނާ ވަނީ މަރުވެފައެވެ.
ބޮޑެތި ކުށްތައް ކުރުމަށް ރޭވުމާއި މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ ސަންޖީވާ ހައްޔަރުކޮށްފައިވަނީ ނޭޕާލުން އެނބުރި އައުމުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ޕީޓީއޭ) ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުހުން އެންމެ ފުރަތަމަ ހޯދީ 90 ދުވަހުގެ އަމުރެކެވެ.
ގަމްޕަހާ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ވަނީ ބޫސާ ޖަލަށް ބަދަލުކޮށްފައެވެ.
މިއަދު ހިނގި ޙާދިސާއާ ގުޅިގެން އެކްޓިން އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕްރިޔަންތާ ވީރަސޫރިޔާ ވަނީ މިއަދު މެންދުރު ފަހު ކޯޓު ކޮމްޕްލެކްސް އަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސުނިލް ވަޓަގަލާ އާއި ޖަސްޓިސް މިނިސްޓަރު ހަރްޝާނާ ނަނަޔަކްކަރަ ވެސް ވަނީ އެ ތަނަށް ޒިޔާރަތް ކުރައްވާފައެވެ.









