އެމެރިކާއާއި ހުޅަނގުގެ މަދަދާއި އެކު އިސްރާއީލުން ސުންނާފަތި ކޮށްލި ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެއެވެ
އެކުވެރި ދައުލަތްތައް (އދ) އާއި ވިލާތުގެ އިއްތިޙާދު (އީޔޫ) އަދި ވަރލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޤަތުލުޢާންމުގައި ޣައްޒާއަށް ދީފައިވާ ގެއްލުންތައް ވަޒަން ކުރުމަށްފަހު ތައްޔާރުކުރި އިންޓެރިމް ރެޕިޑް ޑެމެޖް އެންޑް ނީޑްސް އެސެސްމެންޓް (އައިއާރްޑީއެންއޭ) ރިޕޯޓުގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި 61,700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 111,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މި ޢުދުވާން މެދުކަނޑާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހު ޙަމާސް ޖަމާޢަތާއި ޔަހޫދީންނާއި ދެމެދު ވެވުނު އެއްބަސްވުމަކާއި ގުޅިގެންނެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ޣައްޒާ އަލުން އާރާސްތު ކުރުމަށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 53.2 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެއެވެ. މީގެ ތެރެއިން ފުރަތަމަ ތިން އަހަރުގެ ތެރޭގައި 20 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ 292,000 އަށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް ވަނީ ސުންނާފަތިކޮށް ބިމާއި ހަމަކޮށްލާފައެވެ. އަދި ހަސްފަތާލުތަކުގެ 95 އިންސައްތައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޣައްޒާގެ އިޤްތިޞާދު 83 އިންސައްތަ ދަށަށް ގޮސްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތްތަކުގައި ޢަރަބި ޤައުމުތަކުގެ ބައިވެރިވުން އޮންނާނެ ކަމަށް ބެލެވެއެވެ. މި ކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މާރިޗު 4 ވަނަ ދުވަހު މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢަރަބި ޤައުމުތަކުގެ ސަމިޓުގައި މި މައްސަލައާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.









