ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައަށް ދެމެހެއްޓެނިވި އަދި އިންސާފުވެރި ސުލްޙައެއް ގެނައުން އެކަށީގެންވާ ކަމަށް ތުރްކިޔޭގެ ރައީސް ރަޖަބް ޠޮއްޔިބު އެރްދޮޣާން ވިދާޅުވެއްޖެއެވެ. އެރްދޮޣާން މިހެން ވިދާޅުވީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓެއާއެކު އަންގާރަ ދުވަހު ކުރެއްވި ފޯނުކޯލުގެ މަޝްވަރާއެއްގައެވެ.
ތުރުކީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރޭޓުން ބުނާ ގޮތުގައި، މި މަޝްވަރާގައި އެރްދޮޣާން ވަނީ ސަރަޙައްދީ އަދި ދުނިޔޭގެ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޔުކްރެއިނާއި ރަޝިޔާ ދެމެދު ތިން އަހަރު ވަންދެން ހިނގަމުންދާ ހަނގުރާމަ ނިންމުމަށް ތުރްކިޔޭއިން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މުސްތަޤުބަލުގައި ވެސް މިކަމުގައި އެ ޤައުމުގެ ދައުރު އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.
ހަނގުރާމައިގައި ހިމެނޭ ފަރާތްތަކާއެކު އެރްދޮޣާން އަކީ ވަރަށް ގިނަ ލީޑަރުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި މަޝްވަރާކުރައްވާފައިވާ ފާހަގަކޮށްލެވޭ ރައީސެކެވެ.
އެރްދޮޣާނަކީ ތުރްކިޔޭގެ ސަރަޙައްދުގައާއި ދުނިޔޭގައި ހިނގާ ހަނގުރާމަތައް ނިންމުމަށް ވަރަށް ބޮޑެތި މަސައްކަތް ކުރަމުންދާ ލީޑަރެކެވެ.
އެރްދޮޣާން ގޮވައިލެއްވީ ހަނގުރާމަތައް ހުއްޓުވައި ސުލްޙަ ޤާއިމުކުރުމަށް ތުރްކިޔޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.









