ރާއްޖެ ހިންގަނީ ރިޔާސީ ނިޒާމެއްގެ ދަށުންނެވެ. ދައުލަތުގެ ހަމަޖެހުމާއި ހިންގުމަށްޓަކައި ބާރުތައް ވަކިކުރެވިފައި ވާއިރު ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙް - ރައްޔިތުންގެ މަޖިލީހުގެ މެންބަރުން (މަޖިލިސް މެމްބަރުން) އެބޭފުޅަކު ހޮވިފައިވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ އިޞްލާޙް ފާސްކުރީ ޤާނޫނީ ގޮތުން ޑިމޮކްރެޓިކް ޕްރޮސެސްގެ ތެރެއިންނެވެ. މަޖިލީހުން ފާސް ކުރުމަށްފަހު، އަދި ރައީސުލްޖުމްހޫރިއްޔާ ވެސް މި އިޞްލާޙް ތަސްދީޤުކޮށް، އެއީ މި ޤައުމުގެ ޤާނޫނު އަސާސީގެ ރަސްމީ ބައެއްގެ ގޮތުގައި ހަދައިފިއެވެ.
މިހާރު މި ޤާނޫނަށް ގޮންޖަހައި، ސުޕްރީމް ކޯޓުން ދަނީ މައްސަލައެއް ބަލަމުންނެވެ. ނަމަވެސް ޤާނޫނުތައް ހަދައި އިޞްލާޙް ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަން ދެނެގަތުން މުހިންމެވެ. ޚުދު ޤާނޫނު އަސާސީ އުފެއްދީ މަޖިލީހުގެ ބާރު މެދުވެރިކޮށް، ރައްޔިތުންގެ ނިންމުން ދައްކުވައިދޭ ގޮތަށެވެ. ޑިމޮކްރަސީ އެއްގައި ފަނޑިޔާރުންނަށް އޮތީ ޤާނޫނު މާނަ ކުރުމެވެ. ފަހަރެއްގައި ވެސް އަލުން ލިޔުމެއް ނޫނެވެ. ފަނޑިޔާރުންގެ ދައުރަކީ ޤާނޫނުތަކަށް އިންސާފުވެރިކަމާއެކު ޢަމަލުކުރާކަން ކަށަވަރުކުރުމެވެ. ޑިމޮކްރެޓިކް ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން ފާސްކޮށްފައިވާ ޤާނޫނުތައް ފުނޑު ފުނޑު ކޮށްލުމެއް ނޫނެވެ. ފަނޑިޔާރުންގެ އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ ދައުލަތުގެ މަސްލަޙަތު ޙިމާޔަތް ކުރުމެވެ. އެހެންނޫންނަމަ ދައުލަތުގެ ތެރޭގައި ނުބައި ފަނިތައް އުފެދި، ދައުލަތުގައި ރެނދުއަޅައި ފަނޑިޔާރުންގެ ސަބަބުން ނުވަތަ ބާރުތަކުގެ ސަބަބުން ޤައުމު ވީރާނާވެ ރައްޔިތުންނަށް ލިބޭނީ ނިކަމެތި ކަމެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ "ބަފައި"ކަމުގައި ބަލާ އެމެރިކާއިން ވެސް މިއަދު އެ ޢަމަލު ކުރަމުންދާ މިސާލަކީ، ޤަނޫނު އަސާސީގެ ޙުދޫދުން ބޭރުން ޤައުމަށް ލޮޅުމެއް އަރުވަފާނެ ބަޔަކު ޖުޑިޝަރީގައި ތިއްބަސް ނުވަތަ އެއާއި ގުޅޭ ހިސާބެއްގައި ތިއްބަސް ވެސް ދުރުކޮށްލަނީ އެވެ. ފަނޑިޔާރަކަސް އަދި އެހެން މީހަކަސް ރައީސް ޓްރަމްޕަށް މުހިންމީ ޤައުމީ މަސްލަޙަތެވެ. މިއީ ފުރިހަމަ ޢިބުރަތްތެރި މިސާލެކެވެ.
މަޖިލިސް މެމްބަރުން އެ ގޮނޑިއަށް އިންތިޚާބުކުރީ ރައްޔިތުންނެވެ. އެ ރައްޔިތުން ވޯޓު ދީގެންނެވެ. އެ މީހުން ވޯޓު ދިނީ ޕާޓީގެ ޓިކެޓަށެވެ. ވީއިރު އިންތިޚާބު ވުމަށްފަހު، ރައްޔިތުންގެ ރުހުމާއި ވެސް ނުލައި ޓަސްލާފައި ޕާޓީ ބަދަލުކުރުމުގެ ހުއްދަ ދިނުމަކީ ޑިމޮކްރެޓިކް ނަޒާޙަތްތެރިކަން ގެއްލިގެންދާ ކަމެކެވެ. އެ ވެވުނީ ވޯޓުލީ ރައްޔިތުންނަށް ޚިޔާނާތެވެ. ރައްޔިތުން އެމީހުންގެ މަންދޫބުން ހޮވަނީ ޕާޓީގެ ސިޔާސަތުތަކަށް ބަލައިގެންނެވެ. މަޖިލިސް މެމްބަރަކު އަމިއްލަ ނުވަތަ ސިޔާސީ މަންފާއަށްޓަކައި ޕާޓީ ދޫކޮށްލައިފި ނަމަ އެ މުގުރާލެވެނީ އިތުބާރެވެ. އެހެންކަމުން، މިފަދަ އާ ޤާނޫނުގެ ސަބަބުން، ޕާޓީތަކުން ވަކިވުމުގެ ސަބަބުން އުފެދޭ ސިޔާސީ ނުތަނަވަސްކަން ހުއްޓުވޭނެއެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ޤާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޤާނޫނު ހަދަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އެ އިޞްލާޙް ކުރާ ތަނަކީ ވެސް ރައްޔިތުންގެ މަޖިލީހެވެ.
ވީއިރު، ރައްޔިތުންގެ މަޖިލީހުން ނިންމާ މިފަދަ ނިންމުމެއް ސުޕްރީމް ކޯޓަށް ބެލޭނެ އަދި ބެލެން ޖެހޭނެ ސަބަބެއް އެބައޮތްތޯ؟ މިއީ ސުވާލެކެވެ!
ދައުލަތުން ބުނަނީ މިއީ ސުޕްރީމް ކޯޓުން ބެލޭނެ މައްސަލައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ބުރަވާ ގޮތަކީ މި މައްސަލައިގައި ކަން އޮތް ގޮތް ރައްޔިތުންނަށް ބުނެދިނުމަށް (އެބަހީ: މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުން ބަދަލުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވާކަން ރައްޔިތުންނަށް އަންގައިދިނުމަށް) ސުޕްރީމް ކޯޓަށް ބަސް ބުނެވިދާނެއެވެ. ސަބަބަކީ ޤާނޫނު އަސާސީގައި “އެންމެ ފަހުބަސް” ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމުގައި ބުނެފައި ވާތީއެވެ.
ނަމަވެސް މިތަނުގައި މިބުނާ “އެންމެ ފަހުބަސް” އެއީ ފަހަރެއްގައި ވެސް ސާފުކޮށް ލިޔެފައިވާ ޤާނޫނަކުން ސާފުކޮށް ފެންނަން އޮތް އެއްޗެއް އެ ނޫން ގޮތަކަށް އަނބުރާލުމެއް ނޫނެވެ. އެ އިޚްތިޔާރެއް ސުޕްރީމް ކޯޓަށް ލިބިގެނެއް ނުވެއެވެ. އެ ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ބާރަކީ އެ ޤާނޫނުގައި ލިޔެފައިވާ އެއްޗެއް މާނަ ކުރުމެވެ. ރައްޔިތުންގެ މަޖިލީހުން ގޮތް ކަނޑައެޅުމަށްފަހު އަދި އެކަން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށްފަހު ދެން އެއާއި ދެކޮޅަށް ބަސް ބުނުމުގެ ރޫޙެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި އުފެދިއްޖެނަމަ އެ ފަނޑިޔާރުންގެ ކިބައިގައި ނަޒާޙަތްތެރިކަމެއް ނެތެވެ. އަދި އެ ފަނޑިޔާރުންނަކީ ސިޔާސީ އެކްޓިވިސްޓުންނޭ ބުނެވޭނެ ޖާގަ އެބައޮތް ކަމަށް ޑިމޮކްރަސީ ބުނެއެވެ.
ޝަރުޢީ ދާއިރާއިން ޤާނޫނު އަސާސީ ދަމަހައްޓަން ޖެހޭނީ، އޭގެ ޝަރުޢީ ނިޒާމަށް ގޮންޖަހާކަށް ނޫނެވެ. ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ގޮތެއް ނިންމާފައިވާއިރު، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އިޚްތިޔާރު ނުވަތަ މަޖިލިސް މެދުވެރިކޮށް ނިންމާ ނިންމުމަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ. އެއްވެސް ބާރަކަށް އަނެއް ބާރުގެ މައްޗަށް އަރައި ނުގަނެވޭނެއެވެ. ދެގެރި ތަޅަންޏާ ބާރު ކުރާނީ ކަށްގަލަށެވެ، މާނައަކީ ހުރިހާ ދެރައެއް ލިބޭނީ ރައްޔިތުންނަށެވެ. އޭރުން މިރާއްޖެއަކު ދުވަހަކު ވެސް ހަމަޖެހުމެއް ޤާއިމެއް ނުކުރެވޭނެއެވެ. މަޖިލީހުގެ ނިންމެވުމެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށްފަހު ދެން އެހެން ބާރަކުން އެ ނިންމުން ބަދަލުކޮށްގެން ނުވާނެއެވެ. މި އުޅެނީ ޤައުމުގެ ދީން ބަދަލުކޮށްގެނެއް ނޫނެވެ. ދީނާއި ސިޔާސަތަކީ ތަފާތު ދެ އެއްޗެކޭ އިސްލާމިކް ޑިމޮކްރަސީގައި ބުނަނީ މިހެންވެއެވެ.









