އިސްރާއީލު ސިފައިން ލުބުނާނުން ނުކުތުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވެފައިވާއިރު، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ބޯޑަރު ސަރަޙައްދުގެ 5 ތަނެއްގައި ދެމިތިބޭނެ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފިއެވެ.
މިއީ ލުބުނާނު ސަރުކާރުބޭނުންވާ ގޮތެއް ނޫނެވެ. ލުބުނާނުގެ އިއުތިރާޟް އޮތް ނަމަވެސް އިސްރާއީލުން ބުނީ އެމީހުން ތިބޭނީ ވަގުތީ ގޮތުން ކަމަށާއި މިގޮތަށް ނިންމާފައިވަނީ އިސްރާއީލުގެ ރައްޔިތުންގެ ސަލާމަތަށް ޓަކައެވެ. އަދި ފަހުން ލުބުނާނަށް އެ ސަރަހައްދުތައް ހަވާލުކުރާނެ ކަމަށް ވެސް އިސްރާއީލާއި ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.
އިސްރާއީލުން މިގޮތަށް ކުއްލިޔަކަށް ނިންމުމުން، އިސްރާއީލުގެ ސިފައިން ސުންގަޑިއަށް ލުބުނާނުން ފައިބާނެކަމާމެދު ޝައްކު އުފެދިފައިވާ ކަމަށް ލުބުނާނުގެ ރައީސް ޖޯސެފް އައުން މިއަދު ވިދާޅުވެފައިވެއެވެ. އަދި މިކަމާއި ގުޅިގެން ލުބުނާނުން އަޅާނެ ފިޔަވަޅުތައް ނިންމާނީ ޤައުމީ ފެންވަރުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލުބުނާނާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ސިފައިން ލުބުނާނުން ފައިބަން ޖެހެނީ 60 ދުވަހުގެ ތެރޭގައެވެ. އެ މުއްދަތު ފާއިތުވުމާއި ގުޅިގެން، މާދަމާއަށް އިތުރުކޮށްފައިވަނިކޮށް މިހާރު މި ވަނީ އިސްރާއީލުން އިތުރު ބަދަލުތަކެއް ގެނެސްފައެވެ.









