ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ޙުސައިނަށާއި، މައްސަލައަށް ތަދައްޚުލުވި ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، ސުޕްރީމް ކޯޓުން ނިންމީ މި މައްސަލަ ބަލައިގަނެ ކުރިއަށް ގެންދިއުމަށެވެ.
"އަލީ ޙުސައިން ވާރސަސް އެޓަރނީ ޖެނެރަލްގެ އޮފީސް މައްސަލަ ކުރިއަށް ގެންދިއުމާމެދު ފަނޑިޔާރުން މަޝްވަރާކުރުމަށްފަހު ނިންމަވާފައިވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް. އަދި މި މައްސަލައިގައި ހުށަހެޅުނު އިޖުރާއީ އިއުތިރާޟާމެދު ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް މައްސަލަ ނިންމެވުމުގައި ހިމެނުމަށް،" ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ.
މައްސަލައިގައި ދައުލަތުގެ ފަރާތުން ވާހަކަދެއްކެވި ބަންޑާރަ ނައިބު އޮފީހުގެ ފާޠިމަތު ޙަލީމް ވަނީ ޖަވާބު ހުށަހެޅުމަށް 10 ދުވަހަށްވުރެ ގިނަ ދުވަސް ބޭނުންވާ ކަމަށް ދަންނަވާފައެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ ގިނަ ނުކުތާތަކެއް ނަގާފައެވެ. އެގޮތުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމާއި، މި އިޞްލާޙު ގެނެވިފައިވަނީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެންބަރުންގެ ވޯޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.
މައްސަލަ ހުށަހެޅި އަލީ ޙުސައިން ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަޖިލިސް މެންބަރަކީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިޞްލާޙަކީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ގެނެވުނު އިޞްލާޙެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މައްސަލައަށް ތަދައްޚުލުވި އެމްޑީޕީގެ ފަރާތުން ވާހަކަދެއްކެވި ޤާނޫނީ ވަކީލު އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ މިފަދަ މައްސަލަތައް ދުނިޔޭގެ އެހެން ޤައުމުތަކުގެ ކޯޓުތަކުން ވެސް ބަލާފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. އަދި ބެންޗުގައި ހިމެނިވަޑައިގަތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މައްސަލަ ހުށަހެޅުއްވި އަލީ ޙުސައިން އެދިވަޑައިގެންފައިވަނީ މި އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިޞްލާޙު ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.









