އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށާއި އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަކާ ގުޅިގެން ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.
ރައީސް ކަނޑައެޅުއްވި ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާއި، ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލުން ހިމެނެއެވެ.
މީގެ އިތުރުން، އެސްޓީއޯ ފާމަސީތަކުން ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ޑޭޝްބޯޑެއް ތައްޔާރުކުރުމާއި، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެވެ.
އަދި ހަމަ އެހެންމެ، ރާއްޖެއިން ބޭރުގެ އެމްޕެނަލްކޮށްފައިވާ ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ޙުއްދަ އެސްޓީއޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުމާއި، މާލޭގައި ޤާއިމުކުރާ 4 ޖީ.ޕީ ކްލިނިކުންނާއި ހުރިހާ ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލުތަކުން އެސްޓީއޯ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމަވާފައެވެ.
ރައީސް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނަށް އާސަންދައިން ބޭސް ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބި، މާލީ ތަކުލީފުތައް ކުޑަވެގެންދާނެ ކަމަށެވެ. މި ބަދަލުތައް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.