އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްވުމާއެކު، ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބިގެންދާނެއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޒަމީރެވެ.
ލާމަރުކަޒީ ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު ފާސްކޮށް، މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، 72 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ފާސްކުރެވުނު ބިލުގައިވާ ގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހޭނެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުފުޅެކެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، އަންހެނުންނަކީ ކޮންމެ ރަށެއްގައިވެސް ރަށުގެ ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާއެކު އެއް ހައިސިއްޔަތެއް ލިބިގެން ރަށާއި މުޅި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކަށް ހެދުން ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.









