ޤާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށް ޑިމޮކްރެޓްސް ޕާޓީގެ ރައީސް އިމްތިޔާޒް ފަހުމީ ތާއީދުކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި އިއްޔެ ފެށި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކަކީ ޤާނޫނު އަސާސީގެ ބައެއް ކަމަށާއި، ޤާނޫނު އަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާއި އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ބެލޭނީ ޤާނޫނުއަސާސީ މާނަ ކުރުމާއި ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތައް އެކަނި ކަމަށެވެ.
އެ ވާހަކަތަކަށް ތާއީދުކުރައްވާ މޭރުމަކުން އިމްތިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހަދައި، އެ އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އިމްތިޔާޒް ވަނީ އެކަމަށް ބާރުދެއްވުމުގެ ގޮތުން އެމެރިކާގެ މިސާލެއްވެސް ނަންގަވާފައެވެ. އެގޮތުން އެމެރިކާގެ ޤާނޫނުއަސާސީއަށް ގެނައި 18 ވަނަ އިސްލާހުގައި ރާ ޙަރާމްކޮށްފައިވާކަން އިމްތިޔާޒް ފާހަގަކުރެއްވިއެވެ.
އެކަމުގެ ސަބަބުން ފުރިހަމަ މިނިވަންކަން ނެތް ކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވުނު ނަމަވެސް ޤާނޫނު އަސާސީގައި އެކަން އޮތީ އެގޮތަށް ކަމަށްވާތީ އެފަދައިން ދެމިއޮތީ ކަމަށް އިމްތިޔާޒް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެކަމުގައި ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނެތްކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހުތައް ގެނެސް ބާތިލް ކުރެވެނީ ރައްޔިތުން ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނަށް ކަމަށެވެ.
ޤާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ޑިމޮކްރެޓްސް އިން ބަޔާނެއް ނެރުނު ނަމަވެސް އިއްޔެ އޮތް އަޑުއެހުމަށް އެ ޕާޓީން ހާޒިރުވެފައެއް ނުވެއެވެ.
މައްސަލަ ބައްލަވާ ބެންޗުން އިޢުލާން ކުރެއްވި ގޮތުގައި ވެސް މައްސަލައަށް ތަދުއްހުލުވެފައިވަނީ އިދިކޮޅު އެމްޑީޕީން އެކަންޏެވެ.
މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ.









