ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދެ ފެކަލްޓީއަކަށް އައު އިސްވެރިން ޢައްޔަނުކޮށްފިއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަމަށް ޑރ. ޢަބުދުލް ސައްތާރު އަބްދުލް ރަޙްމާނާއި، ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްގެ އިސްވެރިޔާގެ މަޤާމަށް ރޯޒާ އިބްރާހިމް ޢައްޔަނުކުރުމަށް މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ޑރ. ޢަބުދުލް ސައްތާރު އަބްދުލް ރަޙްމާނަކީ 2004 ވަނަ އަހަރުން ފެށިގެން އެމްއެންޔޫގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ތަޢުލީމީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ރޯޒާ އިބްރާހިމް އެމްއެންޔޫއާ ގުޅިވަޑައިގަތީ 2005 ވަނަ އަހަރުއެވެ. އޭނާ ވަނީ ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެކްޓިންގ ވެރިޔާގެ ގޮތުގައި މަސައްކަތްކުރައްވަމުން، ޔުނިވަރސިޓީގެ ކޯސްތަކުގެ އިންސްޓްރަކްޝަން މަސައްކަތްތައް ކުރިއަރުވާފައިވާކަން އެމްއެންޔޫއިން ފާހަގަކުރެއެވެ.
އެމްއެންޔޫއިން ބުނީ، މި އައު އިސްވެރިން މަސައްކަތްކުރާނީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ވިޝަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އެމީހުންގެ ދާއިރާތަކުގައި ކުރިމަތިވާ އައު ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ބޭނުންވާ ހުނަރުތައް ލިބިދިނުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށް އެމްއެންޔޫއިން ބުންޏެވެ.









