ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މިއަދު ދެއްވައިފިއެވެ.
ވަކީލުކަމާއި އަލަށް ގުޅުނު ވަކީލުން ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ ޖަލްސާ ތަކުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާ އަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާ އަށް އަލަށް ނުކުންނަ މީހުންނަށް ގިނަ ނަސޭހަތް ތަކެއް އެމަނިކުފާނު ދެއްވިއެވެ. އޭގެ ތެރޭގައި ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
"ސިއްރު ހިފަހައްޓައްޗޭ. ވަކީލުން، ވަކީލުކަން ކުރާއިރު ސިއްރު ހިފަހައްޓައްޗޭ. ވަކީލުން ވަކީލުކަން ކުރާނީ ހަމައެކަނި ކޯޓަަށް ގޮސް ކުރާ ވަކާލާތެއް ނޫން. އޭގެ އިތުރުން ކުންފުނިތަކުގެ މަސައްކަތްތަކާއި އެކިއެކި އެ ނޫން ވެސް ސިއްރު ހިފަހައްޓަންޖެހޭ މުއައްސަސާތަކާއި މީހުންގެ މަސައްކަތް ކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާގައި 32 އަހަރު ޚިދުމަތް ކުރައްވާފައެވެ.









