އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރުމަށް 68 މެންބަރުން ވަނީ ތާއީދު ކޮށްފައެވެ. އަދި ނައިބު ރައީސްކަމަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރުމަށް 69 މެންބަރުން ވަނީ ތާއީދު ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މި ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެވިފައިވަނީ މިދިޔަ މަހުގައެވެ.
މުހައްމަދު ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަބްދުއްރަހްމާން ސޮލާހު ރަޝީދަކީ އެންމެ ފަހުން ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.









