ޤާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެންނަ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފެށި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫން ކަމަށެވެ.
ފާތިމަތު ހަލީމް ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަކީ ޤާނޫނުއަސާސީގެ ބައެއް ކަމަށާއި، ޤާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާއި އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް ބެލޭނީ ޤާނޫނުއަސާސީ މާނަ ކުރުމާއި ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތައް އެކަނި ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ފެށި އަޑުއެހުން.
އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން ވަކާލާތުކުރި ޤާނޫނީ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ މި އިސްލާހަކީ ޤާނޫނުއަސާސީގެ ރޫހާއި އަސާސީ ހަމަތަކާއި ޚިލާފު އިސްލާހެއް ކަމަށެވެ. މަހްފޫޒް ވިދާޅުވީ މެންބަރުކަން ގެއްލޭ ގޮތަށް އޮތް އިސްލާހު ޤާނޫނުއަސާސީއާއި ޚިލާފު ކަމަށާއި، މި އިސްލާހުގެ ސަބަބުން ރިޔާސީ ނިޒާމް ގަޑުބަޑުވެގެންދާ ކަމަށެވެ.
މަހްފޫޒް އިތުރަށް ވިދާޅުވީ ޕާޓީތަކަށް މެންބަރުން ވަކިކުރުމުގެ ބާރު ލިބިދިނުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި އިސްލާހުގެ ސަބަބުން އިމްތިޔާޒަށް ނުފޫޒު ފޯރުވުމަށް ޖާގަ ލިބިފައިވާ ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި މެންބަރުންނަށް ނުފޫޒު ފޯރުވުމަށް ޖާގަ ލިބޭ ކަމަށެވެ.
މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ.
މިއަދުގެ އަޑުއެހުން ނިންމައިލީ، އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވެފައިވާ އެމްޑީޕީއަށް ފުރުސަތު ދިނުމަށް މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ.









