އިންޑިއާގެ ނިއު ދިއްލީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ އިންޑިއާ ގަޑިން ރޭ ފަތިހު 5:36 ހާއިރު އައި ބިންހެލުމުގެ ބާރުމިން ހުރީ މެގްނިޓިއުޑުން 4 ގައި ކަމަށާއި އެއީ ފަސް ކިލޯމީޓަރު ފުނުން އައި ބިންހެލުމެއް ކަމަށެވެ.
ބިންހެލުން އައިސްފައިވަނީ ސީދާ ދިއްލީއަށް ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.
މި ބިންހެލުމުގެ އަސަރު މުޅި އުތުރު އިންޑިއާއަށް ވަނީ ކޮށްފައެވެ.
ބިންހެލުމާ ގުޅިގެން ޢިމާރާތްތަކަށް ވަރަށް ބޮޑަށް ލޮޅުން އެރިކަމަށާއި ފަތިހު ހޭލެވުނީވެސް ބިންހެލުމުގެ އަސަރުން ކަމަށް ބައެއް އާންމު ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި ޙާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ދިއްލީއަކީ ބިންހެލުމުގެ ފުރުޞަތު ދެވަނައަށް އެންމެ ބޮޑު ކެޓަގަރީގެ ޒޯނެއްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިންވެސް އެ ސަރަޙައްދަށް ބިންހެލުންތައް އައިސްފައިވެއެވެ.









