ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ސާވާއަށް މައްސަލަ ދިމާވުމާއި ގުޅިގެން، ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހުއްޓިފައިވާ ކަމަށް އެ ކޯޓުގެ މީޑިއާ އޮފިޝަލު މަޢުލޫމާތު ދެއްވައިފިއެވެ.
ސާވާ އަށް ދިމާވި މައްސަލައާ ގުޅިގެން އިންޓަނެޓާއި ނެޓްވޯކާއި ފޯނުލައިން ވަނީ ކެނޑިފައެވެ.
އެހެންކަމުން، މިހާރު ކުރިއަށް ގެންދަނީ މީހުން ހާޒިރުކޮށްގެން ގެންދާ ޝަރީއަތްތައް އެކަންޏެވެ.
ބަންދު މަޖިލިސް ވެސް ކުރިއަށް ގެންދާނީ މީހުން ކޯޓަށް ހާޒިރުކޮށްގެންނެވެ.
ދަށު ކޯޓުގެ 80 ޕަސެންޓް މައްސަލަތައް މިހާރު ވެސް ހިންގަނީ އޮންލައިން ކޮށެވެ. ކޮވިޑަށް ފަހު ގިނަ ކޯޓުތަކެއްގެ އަޑުއެހުންތައް ވަނީ އޮންލައިންކޮށް ބާއްވަން ފަށާފައި ވާއިރު، ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތް ބާވެ، ޖާގައިގެ ދަތިކަން ދިމާވެފައި ވާތީވެ، ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީއަށް ކޯޓުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.









