މި އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް އިތުރު 1500 ޑޮލަރު ހަމަޖެއްސުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލް އިން ބުނީ ކާޑަށް ދޫކުރާ އެ ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައި ކަމަށާއި އެ ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ޢުމްރާ ގްރޫޕްތަކުން މިކަމުގައި ޢަމަލުކުރަންވީ ގޮތުގެ ތަފްޞީލް އެ ގްރޫޕްތަކާ ޙިއްސާކޮށްފައިވާ ކަމަށެވެ. އަދި ޢުމްރާވެރިން އެ ގްރޫޕްތަކާ ގުޅައިގެން އެކަމުގެ މަޢުލޫމާތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ވަކިން ދަތުރުކުރާ ޢުމްރާވެރިން ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓު ކޮޕީއާއި ޓިކެޓުގެ ކޮޕީ ފޮނުވުމުން ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މި އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ކޮންމެ ޢުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބީއެމްއެލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ 1446ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންކަމަށެވެ.









