ދިވެހިރާއްޖެއިން ބޭރުގެ 5 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމުގެ މައްސަލަ ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަން ހުށަހަޅުއްވާފައިވަނީ ބުރުނާއީ، ލަގްޒަމްބާރގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށެވެ. މި މަޤާމުތަކަށް ހުށަހަޅުއްވާފައިވާ ބޭފުޅުންނަކީ:
- ބުރުނާއީއަށް: ޑރ. މަރްޔަމް ޝަބީނާ އަޙްމަދު (މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު)
- ލަގްޒަމްބާރގް އަދި ނެދަލޭންޑްސްއަށް: ޤީލާ ޢަލީ (ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު)
- ފްރާންސަށް: އިރުތިޝާމް އާދަމް (އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު)
- އޮސްޓްރޭލިއާއަށް: މުޙައްމަދު ލުވޭޒު (ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު)
ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން، ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ. އެހެންކަމުން، މި މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމަށްފަހު، ކޮމިޓީން ދިރާސާކޮށް ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައި، އެ ވޯޓުގެ ނަތީޖާއަށް ބަލައި ސަފީރުން އައްޔަންކުރެއްވުމަށް ނިންމަވާނެއެވެ.









