ރަމަޟާން މަހުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން، ދެވަނަ ވިސްނުމަކަށް ދާން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ.
ޕީއެންސީން މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ދައުރުތަކަށް ބަދަލު ގެނައުމަށް ހުށަހެޅުނު އިސްލާހާ ގުޅިގެންނެވެ.
މަޖިލީހުގެ ދައުރުތަކަށް ބަދަލު ގެނައުމަށް ޤަވާޢިދަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރަމަޟާން މަހު މަޖިލިސް ޗުއްޓީއަށް ނުދާގޮތަށް ވިސްނަމުންގެންދަވާ ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ވީހާވެސް ގިނައިން މަސައްކަތްކުރެވޭނެ ގޮތެއް ވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ޤަވާޢިދަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އިޞްލާހުގައިވެއެވެ.
މި އިސްލާހުގެ ސަބަބުން މެންބަރުން މަސައްކަތްކުރަންޖެހޭ ދުވަހުގެ ޢަދަދަށް ބަދަލު ނާންނާނެ ކަމަށާއި މެންބަރުންގެ ޗުއްޓީވެސް އިތުރުނުވާނެ ކަމަށް މަޖިލީހުގެ އާންމު ކޮމިޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.









