ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސް އަދި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ޕޯސްޓުގައި ބުނެފައިވަނީ ރައީސް މުޢިއްޒު ވަނީ ލިތުއޭނިޔާގެ ރައީސް ޔިޓާނަސް ނައުސިއެދާއާއި، ބޮޑުވަޒީރު ޔިޓާނަސް ޕަލޫކަސްއަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައިކަމަށެވެ. މީގެ އިތުރުން ލިތުއޭނިޔާގެ ސަރުކާރާއި ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
ރައީސް ފޮނުއްވި މެސެޖުގައި ލިތުއޭނިޔާގެ ރައީސް އަދި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައިވާ ކަމަށާއި، އަދި ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭ އަކީ އެ ޤައުމުގެ މިނިވަންކަމުގެ ޤަރާރުގައި ސޮއިކުރި ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މިއީ 1918 ވަނަ އަހަރު ލިތުއޭނިޔާ މިނިވަންވި ދުވަހެވެ.









