ފަތުރުވެރިކަމާއި ޘަޤާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދިވެހިރާއްޖެއާއި ތުރްކިޔޭ އާއި ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތުރްކިޔޭގެ ވެރިރަށް އަންކާރާގައި ހުންނަ އެޤައުމުގެ ފަތުރުވެރިކަމާއި ޘަޤާފަތާއި ބެހޭ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ތުރްކިޔޭއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އަދި ތުރްކިޔޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެޤައުމުގެ ފަތުރުވެރިކަމާއި ޘަޤާފަތާއި ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއެވެ.
ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމާއި ޘަޤާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މި ދެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން، ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މިކަމަކީ ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މުހިންމު ކަމެއްކަމަށް ދެފަރާތުން ވެސް ފާހަގަކުރިއެވެ.









