ލުބުނާނުގެ ރަފިކް ހަރީރީ އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ އދ ގެ ވަގުތީ ސުލްހަވެރި ބާރުތަކުގެ (ޔުނިފިލް) ކޮންވޯއިއަކަށް ހަމަލާދިން މައްސަލައިގައި 25 ވަރަކަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ލުބުނާނުގެ އިސް އޮފިޝަލުންނާއި ޙަވާލާދީ ޚަބަރުތައް ބުނެފިއެވެ.
ބެއިރޫތުގައި ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ލުބުނާނުގެ އިންޓީރިއަރ މިނިސްޓަރު އަހުމަދު އަލް-ހައްޖާރު ވިދާޅުވީ ސެކިއުރިޓީ ބްރީޗް ކޮށްލުމަށްފަހު ޔޫއެންގެ ޞުލްޙަ ބަލަހައްޓާ ފައުޖަށް ޙަމަލާދިން މައްސަލައިގެ ތަޙުޤީޤު ކުރިޔަށްދާ ކަމަށެވެ.
އެމީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހު އީރާނުގެ މަދަނީ މަތިންދާ ބޯޓަކަށް ލުބުނާނުގައި ޖެއްސުމުގެ ހުއްދަ ދިނުމަށް އިންކާރު ކުރުމާއި ގުޅިގެން ބޭއްވި މުޒާހަރާއެއްގައި ޔުނިފިލްގެ ކޮންވޯއިއަށް ހަމަލާދީގެން ކަމަށް ވާއިރު، ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ ޔުނިފިލްގެ ކޮންވޯއި އަށް ހަމަލާދިން މައްސަލަ ކުށްވެރި ކުރައްވައި، ހަމަލާދިން ފަރާތްތަކަށް އަދަބު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ލުބުނާނުގައި އދގެ ޞުލްޙައިގެ ފައުޖުން ޙަރަކާތްތެރި ވަނީ އިސްރާއީލުން މިދިޔަ އަހަރު ލުބުނާނަށް ދިން ޙަމަލާ ތަކާއި ގުޅިގެން އެތައް ބަޔަކު މަރުވެ މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން އައިސް، ސަރަޙައްދީ ބޮޑު ހަމަނުޖެހުމެއް ހިނގައިފާނެ ކަމުގެ ބިރު ހީވެގެންނެވެ.









