މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާ، އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 11 ގުނަ އިތުރުވެފައި ވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެ ކުންގުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 418.20 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނީ 783 މިލިއަން ރުފިޔާއެވެ.
ނަމަވެސް، ޓެކުހަށް ކެނޑުމުގެ ކުރިން ޖެހޭ ފައިދާ އަދި ހިއްސާދާރަކަށް ޖެހޭ އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ވެފައި ވާކަމަށް އެމްޓީސީން ބުނެއެވެ.
- ހިންގުމުގެ ފައިދާ: 2024 ގައި 177.55 މިލިއަން ރުފިޔާ (2023 ގައި 43 މިލިއަން ރުފިޔާ)
- ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާ: 2024 ގައި 165.20 މިލިއަން ރުފިޔާ (2023 ގައި 16 މިލިއަން ރުފިޔާ)
- ހިއްސާދާރަކަށް ޖެހޭ އަދަދު: 2024 ގައި 18.82 ރުފިޔާ (2023 ގައި 1.66 ރުފިޔާ)
ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2024 ގެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ލިބިފައިވަނީ 151.26 މިލިއަން ރުފިޔާއެވެ. މިއީ 2023 ގެ ފަހު ކުއާޓަރުގައި ލިބުނު 13.31 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 11 ގުނަ އިތުރު އަދަދެކެވެ.
އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 418.20 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، 575.37 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ވުމުގެ ސަބަބުން 157.17 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. އެހެންނަމަވެސް، އެހެނިހެން އާމްދަނީގެ ގޮތުގައި 481.11 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ.
އެމްޓީސީސިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 189 މަޝްރޫޢެއް ކުރިއަށް ގެންގޮސް، 9 މަޝްރޫޢެއް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.









