މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަޤާމަށް، ކުރީގެ ބޯޑު މެމްބަރު ސިނާން އަލީ އައްޔަންކޮށްފިއެވެ.
2014 އިން 2016 އާ ހަމައަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިނާން ވަނީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައިވާ ސިނާން ވަނީ އެމްޓީސީސީގެ ބޯޑުގައި 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ކުރައްވާފައެވެ.
ސިނާންއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ "މިއަދު" ނޫހާއި "ހަވީރު" އަދި "ސަން" މީޑިއާގައި މަސައްކަތްކުރައްވާފައެވެ. އަދި 2018 ވަނަ އަހަރު "ވަން އޮންލައިން" ގެ ނަމުގައި އަމިއްލަ ނޫހެއް އުފައްދަވައި، "ވަން މީޑިއާ ގްރޫޕް" ގެ ސީއީއޯ އަދި އެޑިޓަރުގެ މަޤާމު ފުރުއްވާފައިވެއެވެ.
ސިނާން ވަނީ އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައެވެ.









