ޣައްޒާ ސަރަޙައްދު އަލުން ބިނާކުރުމަށް އަރަބި ޤައުމުތަކުގެ އެހީތެރިކަމާއެކު މިސްރުން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ޖޯޑަންގެ ޚާރިޖީ ވަޒީރު އައިމަން ސަފަދީ ވިދާޅުވެއްޖެއެވެ. މި ޕްލޭނުގެ މަޤްޞަދަކީ ޣައްޒާގެ ފަލަސްޠީނު ރައްޔިތުން އެހެން ތަންތަނަށް ބަދަލު ނުކޮށް އެ ސަރަޙައްދު އަލުން ބިނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަފަދީ މި ވާހަކަ ދެއްކެވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވުނު ސީރިއާއާއި ބެހޭ ކޮންފަރެންސެއްގައި ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބާރޯ އާއި ބައްދަލުކުރެއްވި އިރުއެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުން ވެސް ފަލަސްޠީނުގެ ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރުމާއި ދެކޮޅު ހެއްދެވިއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ހިފައި، އެތަނުގެ ރައްޔިތުން ޖޯޑަނާއި މިސްރަށް ބަދަލުކުރުމުގެ ޕްލޭނާވެސް ދެކޮޅު ހެއްދެވިއެވެ.
މީގެ އިތުރުން، ޖެނުއަރީ 19 ގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުން ދެމެހެއްޓުމާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.
މިދިޔަ ހަފްތާގައި މިސްރުން ބުނެފައިވަނީ، އިސްރާއީލުގެ 15 މަސްދުވަހުގެ ޢުދުވާނުގައި ހަލާކުވެފައިވާ ޣައްޒާ އަލުން ބިނާކުރުމަށް "ފުރިހަމަ ތަޞައްވުރެއް" އެކުލަވާލަމުންދާ ކަމަށެވެ. މިގޮތުން ފަލަސްޠީނުގެ ރައްޔިތުން އެހެން ތަންތަނަށް ބަދަލުނުކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ޖޯޑަނާއި މިސްރަށް އެމެރިކާއިން ބާރުއަޅަމުންދަނީ ފަލަސްޠީނުގެ ރައްޔިތުން އެ ޤައުމުތަކަށް ބަދަލު ކުރުމަށެވެ. ނަމަވެސް ޓްރަމްޕްގެ މި ޚިޔާލު ފަލަސްޠީނުގެ ރައްޔިތުންނާއި އަރަބި ލީޑަރުން ވަނީ ގަދައަޅައި ދެކޮޅު ހަދާފައެވެ.
މި ހަފްތާގެ ކުރީކޮޅު ޓްރަމްޕް ވަނީ ޖޯޑަންގެ ބާދުޝާހު އަބްދުﷲ ދެވަނައާއި ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވެސް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރުމަށް ވިދާޅުވެފައެވެ. އަދި ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، ފަތުރުވެރިކަމުގެ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގޮވާލާފައެވެ.









