މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މި ފައިސާ ދޫކޮށްފައިވަނީ ބުރާސްފަތި ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ކަމަށް މިފްކޯއިން ހާމަކުރިއެވެ.
މިފްކޯއިން ބުނީ މި ފައިސާ މިއަދު ހެނދުނު 10:30 އާއި 12:30 އާ ދެމެދު ޖަމާކުރެވިފައިވާނެ ކަމަށެވެ. އަދި އެހެން ބޭންކް ޓްރާންސްފަރތައް ޖެހިގެން އަންނަ ބޭންކިންގ ޚިދުމަތް ހުޅުވާ ދުވަހު ހަވީރު 4:30 ގެ ކުރިން ކްލިއަރ ކުރެވޭނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 13 ވަނަ ދުވަހު ޖުމްލަ 53 މަސްދޯންޏަކުން މަސް ކިރާފައި ވެއެވެ. މިފްކޯއަށް ކިރާ މަހަށް ފައިސާ ދޫކުރަމުން ދަނީ ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.
މީގެއިތުރުން، މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކައެވެ. މި ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.









