ރަސްފަންނާއި ސަލްޓަން ޕާކު ކުރިއަށްވުރެވެސް ފުރިހަމަ ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކުގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ.
އެ ދެ ތަންވެސް ދަނީ ވީރާނާވަމުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.









