ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޙައްޖާއި ޢުމްރާއަށް ދާ ދިވެހިން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވާ މިލިއަނުން ގުނާ މީހުންގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ދިވެހިން ރައްކާތެރިކުރުމަށާއި، އެމީހުން ރާއްޖެ އެނބުރި އައުމުން ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި ޙައްޖާއި ޢުމްރާއަށް ދާ މީހުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ ވެކްސިން އަދި އޯރަލް ޕޯލިއޯ ވެކްސިން ހިމެނެއެވެ. މި ވެކްސިންތައް ފުރުމުގެ މަދުވެގެން 14 ދުވަސް ކުރިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ހުރިހާ ގްރޫޕްތަކުންނާއި އަމިއްލައަށް ދާ އެންމެން ވެސް ކަނޑައެޅިފައިވާ މުއްދަތުގައި ވެކްސިންތައް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށެވެ.
ވެކްސިން ޖެހުމުގެ މިންގަނޑުތަކަކީ އެއިރެއްގައި ބަލިތައް އުޅޭ މިންވަރާއި، ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައި ތައްޔާރުކުރެވޭ މިންގަނޑުތަކެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ވެކްސިން އުފެއްދުމުގައި އަންނަ ކުރިއެރުން ތަކާއި، ބައެއް ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކަށް ބަލައި، ޖަހަންޖެހޭ ވެކްސިންގެ މިންގަނޑުތަކަށް ބަދަލުގެނެސް އެ މަޢުލޫމާތު އާންމުކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.








