ދިވެހިރާއްޖެއިން މީސަލްސް ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައެޅި ފަހުން، މިހާތަނަށް ފެނުނު އެންމެ ބޮޑު އައުޓްބްރޭކްގައި މީސަލްސް ޖެހުނު މީހުންގެ އަދަދު 243 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގައި އެކަނިވެސް އިތުރު 17 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފުތާގައި ފެނުނު 10 ކޭސްއާ އަޅާބަލާއިރު އިތުރުވުމެކެވެ. މޭ 2026 އިން ފެށިގެން ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ، ސިއްހީ ކަމާބޭހޭ ފަރާތްތަކުން ދަނީ މިކަމަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ކަމާބޭހޭ އިދާރާތަކުން ދަނީ ހާއްސަ ވެކްސިން ކެމްޕޭނެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 16،045 މީހުންނަށް ވެކްސިން ދެވިފައިވާއިރު، ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާކަން ކަށަވަރުނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގައުމީ ވެކްސިން ޕްރޮގްރާމްގެ ދަށުން ކުދިންނަށް 9 މަހުގައި އެމްއާރު ވެކްސިން އަދި 18 މަހުގައި އެމްއެމްއާރު ވެކްސިން ދެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާގޮތުގައި މީސަލްސްއިން ފުރިހަމަ ރައްކާތެރިކަން ލިބެނީ މި ދެ ޑޯޒް ފުރިހަމަކުރުމުންނެވެ. މި ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 20،000 ޑޯޒްގެ ވެކްސިންގެ އިތުރުން މެޑިކަލް ސަޕްލައިގެ ތިން ޓަނު ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މީސަލްސްއަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް އަވަހަށް ފެތުރޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ކެއްސުމާއި، ނޭފަތުން ފެން އައުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ކުޑަކުދިންނަށް މި ބަލީގެ ނުރައްކާ ބޮޑުވި ނަމަވެސް، ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ބަލި ޖެހިދާނެއެވެ.
އެޗްޕީއޭއިން ވަނީ ހުން އައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، އަވަހަށް ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުމަށް އިރުޝާދު ދީފައެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ މީހުން، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ، ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް ސިއްހީ ކަމާބޭހޭ ފަރާތްތަކުން ވަނީ އެދިފައެވެ.









