މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އާންމުން ޓީވީ ޗެނަލްތައް ބަލައި، ރޭޑިއޯ ޗެނަލްތައް އަޑުއަހާ މިންވަރު ނުވަތަ ވިއުއާޝިޕް ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.
ބްރޮޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުން އެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ބްރޯޑްކާސްޓަރުން އުފައްދާ ކޮންޓެންޓް އިތުރަށް މުއްސަނދިކުރުމަށް އެފަދަ ރެކޯޑެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ މި މައުލޫމާތަކީ ކޮމިޝަންގެ ޕޮލިސީތައް ބައްޓަންކުރުމަށް ވެސް ވަރަށް މުހިންމު މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު އެއްކުރުމަށް ނިންމައި، އެ މައުލޫމާތު ގަވާއިދުން އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބްރޮޑްކޮމްގެ ރައީސް ސޮފާ ޝަފީގު ވިދާޅުވެފައި ވަނީ ވިއުވާ އެންގޭޖުމަންޓަކީ ބްރޯޑްކާސްޓަރުންނަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށެވެ. އަދި ބްރޮޑްކާސްޓަރުން އެކަމަށް ވަރަށް ގިނައިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައުލޫމާތާ އެކު ޗެނަލްތަކުން ވިއުވާ އެންގޭޖްމަންޓަށް ބަލައި ކޮންޓެންޓް އުފައްދާ ތަރައްގީ ކުރެވޭނެ ކަމަށާއި ބެލުންތެރިން ބޭނުންވާ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ ކަމަށާއި އަދި މިއީ މިހާރު ނިއު މީޑިއާގައި ވެސް ހާމަކޮށް ފެންނަން ހުންނަ މައުލޫމާތު ކަމަށް ސޮފާ ވިދާޅުވި އެވެ.
ބްރޯޑްކާސްޓް ކުރުން އަދި ރީ-ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ފަރުމާ ކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ލޯކަލް ކޮންޓެންޓް ކުރިއެރުވުމަށާއި ބައިނަލްއަގުވާމީ ކޮންޓެންޓް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވާއިރު، އާންމުން ޗެނަލްތައް ބަލާ މިންވަރު ދެނެގަތުމަށް މިފަދަ ރެކޯޑެއް ބެލެހެއްޓުމަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ ކޮންޓެންޓް އިތުރަށް ފުޅާކޮށް ބައްޓަންކުރަން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށް ބްރޮޑްކޮމް އިން ބުންޏެވެ.









