ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލައި, އަންނަ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ހުށަހެޅި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
އޭނާ އިސްލާހު ހުށަހެޅުއްވީ ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލުމަށެވެ.
އެ ހުށަހެޅުމުގައިވާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު އޮންނާނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ފެށީ މި މަހު ކަމަށް ވާތީ، މި ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށް ފަހު ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. ނަމަވެސް، މި އަހަރުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާނީ އިސްލާހުގައިވާ ގޮތަށް ކަމަށް އެ އިސްލާހުގައިވެ އެވެ.
މި އިސްލާހު އާންމު ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.









