ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާކުރަމުންދާ މުހިންމު ދެބިލަކަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ. މި ދެ ބިލަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހެވެ.
ގޭންގު ކުށްތަކާ ބެހޭ ބިލަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. މި ބިލަށް ޚިޔާލު ފޮނުވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އީމެއިލް އެޑްރެސް Judiciary_committee@majilis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ޙުސައިން ހުށަހެޅުއްވި މި ބިލުގައި ގޭންގުގެ މާނަ ކަނޑައަޅައި، ގޭންގުތަކުގައި ބައިވެރިވާ މީހުންނާއި ގޭންގުތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށަށް 25 އަހަރުގެ ޖަލު ޙުކުމަކާއި 10 މިލިއަން ރުފިޔާ އާއި ދެމެދުގެ ޖޫރިމަނާއެއް ކަނޑް ކަނޑައަޅާފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 15 ފެބްރުވަރީ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ. މި ބިލަށް ޚިޔާލު ފޮނުވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އީމެއިލް އެޑްރެސް decentralization_committee@majilis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ.
މި އިސްލާހުގައި ހިމެނެނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމެވެ. މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ހުށަހެޅުއްވި މި ބިލުގައި ވަނީ، ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދިނުމަށެވެ.
މި ދެ ބިލަކީ ވެސް ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި މުހިންމު ބިލުތަކެއް ކަމަށްވުމާއެކު، އާންމު ރައްޔިތުންގެ ޚިޔާލު މި ބިލުތަކަށް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ދެ ބިލަށް ވެސް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.
ގޭންގު ކުށްތަކާއި ބެހޭ ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ގޭންގަކަށް މީހުން ހޯދުމުގެ ކުށަށް 20 އަހަރުގެ ޖަލު ޙުކުމަކާއި ހަތް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް، އަދި ގޭންގެއްގައި ބައިވެރިވުމުގެ ކުށަށް 15 އަހަރުގެ ޖަލު ޙުކުމަކާއި ތިން މިލިއަން ރުފިޔާއާއި ދެމެދުގެ ޖޫރިމަނާއެއް ކުރުމަށް ހުށަހަޅާފައި ވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕް ތަކުގައި ބައިވެރި ވުމާއި، އެފަދަ ކުށްތަކަށް އެހީތެރި ވުމާއި، ގްރޫޕްތަކުގެ ހަރަކާތް ތަކުގައި ބައިވެރި ވުމަށް ހަރުކަށި އަދަބު ތަކެއް ކަނޑައަޅާފައި ވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގައި ހިމެނޭ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަ ކުރެވެއެވެ.









