ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހުގައިވާ ގޮތުން ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް، އެ މަހުގެ ނިޔަލަށް ކުރުކޮށްލުމާއި، ދެވަނަ ދައުރު އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުން އަދި ތިންވަނަ ދައުރު ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ބޭއްވުން ހިމެނެއެވެ.
ނަމަވެސް މި އިސްލާހުގައި ބުނެފައިވަނީ މި އުސޫލަށް އަމަލުކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރުގައި ކަމަށެވެ. އަހަރުގެ ދެން ހުރި ދައުރުތައް ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ކުރިއަށް އޮތް ރޯދަ މަހަށް މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލުމަށެވެ. ޢާންމުކޮށް ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާ ގޮތުގެ މަތިން ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، މިއަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިމުމަކަށް އަންނާނެއެވެ. އަދި ދެވަނަ ދައުރު ފެށޭނީ ރޯދަ މަހަށްފަހު އޭޕްރިލް މަހުގައެވެ.









