ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތަކަށް ޔަމަނުގެ ހޫޘީ ޖަމާޢަތުގެ ލީޑަރު އަބްދުލް މަލިކް އަލް ހޫޘީ ހަރުކަށި ރައްދު ދެއްވައި، އިންޒާރު ދެއްވައިފިއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ތަޤްރީރެއްގައި އަލް ހޫޘީ ވިދާޅުވީ ޓްރަމްޕަކީ "މޮޔައެއް" ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން ފާއިތުވި 15 މަސްދުވަހު ތަޙައްމަލުކުރި ވޭނާއި ޤުރުބާނީއަށްފަހު، އެ ބައިމީހުންގެ އަމިއްލަ ވަޠަން އެމެރިކާއަށް ވިއްކާލާނެ ކަމަކަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
"ޣައްޒާގެ ބިން އެމެރިކާއަށް ވިއްކާލާނީ ކާކުތޯ؟" އަލް ހޫޘީ ސުވާލު ކުރެއްވިއެވެ. އަދި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ އަދި ދެވަނަ މަރުޙަލާއަށް އިޙްތިރާމް ނުކޮށްފިނަމަ، އިޒްރޭލާއި އެމެރިކާއަށް ވޭން ދިނުމަށް ހޫޘީން ވެސް ތައްޔާރަށް ތިބި ކަމުގެ އިންޒާރު އޭނާ ވަނީ އެމެރިކައަށް ދެއްވާފައެވެ.
މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބައި، އަވައްޓެރި ޤައުމުތަކަށް ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ޣައްޒާގެ ބިން ގަނެގެން ރިއަލް އެސްޓޭޓް ވިޔަފާރީގެ އުޞޫލިން އެތަން ތަރައްޤީކޮށް އެމެރިކާއާއި ހުޅަނގުގެ މީހުން ދިރިއުޅޭނެ ތަނަކަށް އެތަން ހަދައި މަޑުމަޑުން ޣައްޒާގެ މީހުން އެތަނުން ހުސްކުރުމުގެ ނުރައްކާތެރި ނުބައި ޕްލޭނެއް ޓްރަމްޕް ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެއެވެ.
ޣައްޒާ ރައްޔިތުން އެ ބިމުން ހުސްކޮށްލުމުގެ ޓްރަމްޕުގެ ޕްލޭނަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ތާއީދުކުރައްވާފައެވެ.
ހޫޘީންގެ ލީޑަރު އަލް ހޫޘީ އިތުރަށް ވިދާޅުވީ މެދުއިރުމަތި ހަލާކު ކޮށްލުމަށް އެމެރިކާ-ޒަޔަނިސްޓް ރޭވުމެއް ހިނގަމުންދާ ކަމަށެވެ. އަދި މިކަމަކީ ނަސްލީ ގޮތުން ފަލަސްޠީނުގެ ރައްޔިތުން ނައްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ހޫޘީންނަކީ އިޒްރޭލުން ޣައްޒާގައި ހިންގި އުދުވާނާއި ދެކޮޅަށް އެންމެ ފާޅުގައި ދެކޮޅުހަދައި، އިޒްރޭލަށް އެންމެ ވަރުގަދަ ހަމަލާތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ދިން ޖަމާޢަތެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ.









