ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކޮންމެ އަހަރެއްގެ ޖަނަވަރީ މަހު ފެށުމަށް މަޖިލީހުގެ ޤަވާޢިދަށް އިޞްލާޙެއް ހުށަހަޅައިފިއެވެ.
މި އިޞްލާޙު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ.
މިހާރު ޢަމަލުކުރަމުންދާ ޤަވާޢިދުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ފެށެނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުށަހެޅިފައިވާ އިޞްލާޙުގައިވާ ގޮތުން ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ އިން ފެބްރުވަރީ މަހުގެ ނިޔަލަށެވެ. މީގެ އިތުރުން، ދެވަނަ ދައުރު ހިނގާނީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ޖުލައި މަހުގެ ނިޔަލަށް އަދި ތިންވަނަ ދައުރު ހިނގާނީ ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހުން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް ވަނީ ހުށަހަޅާފައެވެ.
މި އިޞްލާޙު ފާސްވެއްޖެނަމަ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ އެ އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ދެވަނަ އަދި ތިންވަނަ ދައުރު ހިނގާނީ އައު އިޞްލާޙާ އެއްގޮތަށެވެ.
މި ބަދަލުގެ ސަބަބުން، އަހަރު ފެށުމާއެކު ބަޖެޓު ތަންފީޒުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.









