އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގެ ރައްޔިތުން ބޭރުކުރުމުގެ ޕްލޭނަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ބުނެ، އޭނާގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް (އައިސީސީ) ދަޢުވާ ހުށަހެޅުމާއި މެދު ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ ވަކީލުން މަޝްވަރާކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ މައްޗަށް ދަޢުވާ ކުރެވޭވަރުގެ ހެކި އޭނާގެ ބަޔާންތަކާއި ޣައްޒާ އާއި މެދު ދައްކަވާ ވާހަކަތަކުން ލިބެއެވެ. ހިއުމަން ރައިޓްސް ވޮޗް އާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ޓްރަމްޕްގެ މި ޕްލޭނަކީ ނަސްލު ނައްތައިލުމުގެ ޖަރީމާ ތަންފީޛުކުރުމުގެ ރޭވުމެއްކަމަށް ސިފަކޮށްފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުން، މިފަދަ ޕްލޭނެއް ޕްރޮމޯޓްކުރުމަކީ ވެސް ހަނގުރާމައިގެ ޖަރީމާ ހިންގުމަށް ހިތްވަރުދިނުމުގެ ޢަމަލެކެވެ. އަދި މިއީ އަދާލަތަށް ހުރަސްއެޅުމުގެ ޢަމަލެއްކަމަށް ވެސް ބެލެވެއެވެ.
ޓްރަމްޕްގެ މި ޕްލޭނާއި ގުޅިގެން އައިސީސީއިން އޭނާގެ މައްޗަށް ދަޢުވާ އުފުލުމުގެ ފުރުޞަތު އޮތްކަމަށް ޤާނޫނީ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެންނަމަވެސް، މިފަދަ ދަޢުވާއެއް މިވަގުތު އުފުލުމަކީ ފަސޭހަކަމަކަށް ނުވިޔަސް، މުސްތަޤްބަލުގައި ނުވަތަ ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން މިފަދަ ދަޢުވާއެއް އުފުލުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.









