ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. މި ތިން ގައުމަކީ ބޫޓާން، ކުވެއިތު އަދި ސްވިޓްޒަލޭންޑެވެ.
ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ، ބޫޓާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ކުވެއިތަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި މ. ވެސްޓު ސައިޓު އަޙްމަދު ސަރީރު، އަދި ސްވިސް ކޮންފިޑަރޭޝަނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި މ.ވިލާދޮށުގެ، ޑރ. ސަލްމާ ރަޝީދެވެ.
ޝިއުނީން ރަޝީދަކީ މިހާރު ވެސް ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރެވެ. އަޙްމަދު ސަރީރަކީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރެވެ. އަދި ޑރ. ސަލްމާ ރަޝީދަކީ ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒު ތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބެވެ. ޑރ. ސަލްމާއަކީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި، މި ތިން ބޭފުޅުންނަށް ރުހުން ދިނުމާއި މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހުއެވެ.









